ނޭނގުމަށްވުރެ ވަކީން ދެރަކަމެއް ހަމަނެތޭ
އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއްނެތޭ

Tuesday, May 4, 2010

ފޮޅޭ މާ މޯޅިވާނެ


ބައެއް މީހުންނަށް ދުނިޔެ ދަސްވަނީ، ފޮތުން ކިޔާފައިވާ ގޮތަށެވެ. ތަރުތީބުންނެވެ. ކަން ހިނގާނެކަމަށް ކުރިން ހީކުރެވިފައިވާ އުސޫލުންނެވެ. އަނެއްބައި މީހުންގެ ހުރިހާ ވެސް އެއްޗަކީ، އެ މީހުންގެ އަމިއްލަ ތަޖުރިބާ އެވެ. ކުރިން ހީކޮށްފައިވާ މަދު އުސޫލެއް ދެމިއޮންނަތަން ލޮލަށް ފެނުނަސް، ފަހުން ކަން ހިނގާނެކަމަށް ހީވި ގޮތްތައް ވެގެންދަނީ ބިލާހަކަށެވެ. އެ ފަދަ އެކަކީ އަމާނަތެވެ. އުމުރުން އެންމެ އެކާވީސް އަހަރުގެ އަމާނަތަކީ، ހިމަތޮޅިކޮށް ހުންނަ ރީތި އަންހެނެކެވެ. ދުވާލުގަޑީގައި އަމާނަތު މަގަކުން ފެނުމަކީ ނާދިރުކަމެކެވެ. އޭނަ ހުންނާނީ ގޭގެ ހަތަރު ފާރުން އެތެރޭގަ އެވެ. މައިންބަފައިންގެ ހިމާޔަތުގެ ދަށުގަ އެވެ.


އަމާނަތަކީ، މައިންބަފައިންގެ ބަސްއަހާ ދަރިފުޅެވެ. ގޯސް ކަމެއް ނުކުރާނެ އެވެ. ހުތުރު އެއްޗެއް، އަމުދުން ނުބުނާނެ އެވެ. އެކަމަކު އެއީ، އަމާނަތު އުޅެން ބޭނުންވި ގޮތެއް ނޫނެވެ. މައިންބަފައިންގެ ރުހުން ހޯދުމަށްޓަކައި، އެހެން އުޅެން އަމާނަތަށް މަޖުބޫރުވީ އެވެ. ދުވާލުގަޑީގައި މީހުންނަށް ފެންނަނީ އަމާނަތުގެ އަލިގަދަ ފަރާތެވެ.

ހަނދުގެ އަނދިރި ފަރާތް ފާޅުކޮށް ފެންނަނީ ވަކި މޫސުމެއްގަ އެވެ. އަމާނަތު ވެސް އަބަދު އިންތިޒާރުކުރަނީ ރޭގަނޑަށެވެ. ރޭގަނޑުގެ އަނދިރީގައި، "ރައްޓެހިންނާ ބައްދަލުކުރަން" މައިންބަފައިން އޮންނަނީ ހުއްދަދީފަ އެވެ. ގެއިން ނުކުންނާނީ ވެސް ކޮންމެވެސް އަންހެންކުއްޖަކާ އެކުގަ އެވެ. މަންޒަރު ބަދަލުވަނީ އެ ހިސާބުންނެވެ. ރައްޓެހި ކުއްޖެއްގެ ގެ އަށް ގޮސް، ހެދުން ބަދަލުކޮށްލައިގެން ނުކުތުމުން، އަމާނަތުގެ މައިންބަފައިންނަށް އަމާނަތު ފެނުނަސް، ވަކިކުރަން އުނދަގޫވާނެ އެވެ. ހީވާނީ، އޮޅުކުރަން އުނދަގޫ، ވަގު ބުޅަލެއްހެންނޭ މީހުން ބުނެއުޅެއެވެ. ފެންނަ ކޮންމެ ފިރިހެނަކަށް އަމާނަތު ބަލާނެ އެވެ. ލިބިފައިވާ ރީތި ސިފައިގެ ސަބަބުން، އަމާނަތުގެ އެންމެ ހިނިތުންވުމަކުން ވެސް، ފިރިހެނުން ވިރުވާއަޅާލެވެ އެވެ. އެކަން އަމާނަތަށް އެނގެއެވެ. ސިފައިގެ އިތުރަށް، އޭނަގެ ފަރި ހިނގުމަކީ، ނުބަލަން މަސައްކަތްކުރާ، އެންމެ ހިތްވަރުގަދަ ލޯތަކަށް ވެސް ކުރިމަތިވާ ގޮންޖެހުމެކެވެ. ކޮންމެ ބަނޑިއަކުން ހިތްތައް ކަފާ ކުދިކޮށް، އޭގެ މަތީގައި ފައި އަޅަމުން އޭނަ ދެއެވެ. ހުވަފެނުން އޭނަ ފެނުނަސް، އެއީ ނަސީބެއްކަމަށް ބައެއް ފިރިހެނުން ބަލައެވެ. ބައެއް ފިރިހެނުންނަށް ހަމައެކަނި ލިބޭ ނަސީބަކީ ވެސް އެއީ އެވެ.

އަމާނަތަކީ، ކޮންމެ ފިރިހެނަކު ވެސް ދެކެން ބޭނުންވާ ހުވަފެނަކަށް ވެފައިވާއިރު، އަނބިންނަށް، އަމާނަތަކީ ބިރުވެރި ހުވަފެނެކެވެ. ފެނިއްޖެ ކޮންމެ ފިރިއަކު އެ ދިމާޔަށް ދީލެއެވެ. އަމާނަތަށް އެ ފިރިހެނެއް ކަމުހިނގައްޖެއްޔާ މަޅީގައި ޖައްސައި ހައްޔަރުކޮށްލަ އެވެ. ހިތް ގެއްލެންއުޅޭހެން ހީވާއިރު، ހިތް އަތުލައިގެން އަމާނަތު ލޯމަތިން ގެއްލިދާނެ އެވެ. ހިތް އަތުލުމުގެ ހުނަރު އޭނަ އަށް ލިބިފައިވަނީ، ހަޤީޤަތުގައި ވެސް އަނބިން ކަންބޮޑުވާންޖެހޭ ވަރަށެވެ. ލިބިފައިވާ ކުދިންގެ އަދަދަކަށް، އުމުރަކަށް، ފެންވަރަކަށް އަމާނަތު ނުބަލައެވެ. ދެ ވަނަ ފަހަރަށް ވިސްނާލާކަށް ވެސް ބޭނުމެއްނުވެ އެވެ. ސާދާ ބަހުން ނަމަ، އަމާނަތަކީ ވަގެކެވެ.

އަމާނަތު ވަގަށް ނަގަނީ ހިތެވެ. އެ ވައްކަން ހުއްދައީ އެހެންވެއެވެ. އޭނަ އަކީ، ކުށް ނުކުރާ ކުށްވެރިއެކެވެ. ވާދަކުރާނެ އެހެން އަންހެނަކު ރާއްޖޭގައި ނެތް ވާދަވެރިއެކެވެ. ރަޙުމު ނެތް އޯގާވެރިއެކެވެ. ލޯބީގެ ކަންފުޅެއް ވެސް ހިތުގައި ނެތް އަންހެނެކެވެ. މުއްސަނދިކަމާއި ނަސަބަކީ، އަމާނަތު ބަލާކަމެއް ނޫނެވެ. ހަމައެކަނި ޝަރުޠަކީ، އޭނަ އަށް ކަމުދިޔުމެވެ. އެ ހިސާބުން އެ ފިރިހެނެއްގެ ނަސީބަކީ އަމާނަތުގެ އަމާނަތެއް ކަހަލަ އެވެ. ޖެހިލާ ވައިރޯޅިއެއްހެން އޭނަ ފެނިގެއްލިދެއެވެ. ވިދާލާ ވިދުވަރެއް ފަދައިން ލޯތަކުގެ ސަމާލުކަން ހޯދައެވެ. ހޮނު ގުގުރިއެއްހެން، އޭނަ އައިކަން އިޢުލާން ކުރެއެވެ. އެންމެން ހީކުރަނީ އޭނަ އަކީ އޭނަގެ ރީތިކަމާމެދު ބޮޑާވެފައިވާ އަންހެނެއްކަމަށެވެ.

އެކަކަށް ވެސް ނޭނގޭ ޙަޤީޤަތަކީ، އަމާނަތުގެ ލޮލަށް، އަބަދުމެ ޖަމާވެފައިވާ ކަރުނައިގެ ފަށަލައެއް ވާކަމެވެ. ކީއްވެގެން ހެއްޔެވެ؟ އޭނަ އަށް ލިބިފައިނުވަނީ ކޯޗެއް ހެއްޔެވެ؟ ލޯތްބެވެ. ލޯބިވާން ކަމުދާ ކަހަލަ މީހަކު އަމާނަތަކަށް ނުފެނެ އެވެ. ދިމައެއްނުވި އެވެ. އަމާނަތުގެ ރީތިކަމަށް ދަހިވެތިވެގެން އަންނަ މީހުން ބައިވަރެވެ. އެއީ ލޯބިކަމަކަށް އަމާނަތު ނުދެކެއެވެ. ލޯބި ލިބުމުން އެހެން ހުރިހާ ނުތަނަވަސްކަން ފިލާނެ އެވެ. އަބަދު ވެސް އަމާނަތަށް ގަބޫލުކުރެވިފައިވަނީ އެހެންނެވެ.

ފައްޔާޒަކީ، މަޑުމައިތިރި މީހެކެވެ. ރީތި، އުމުރުން އަމާނަތާ ދާދި އެއްވަރެއްގެ މީހެކެވެ. ހިތްހެޔޮ އޯގާވެރި މީހެއް ވެސްމެއެވެ. އެކަމަކު، އަމާނަތު ފަދައިން، ފައްޔާޒަކީ ވެސް، އޭނަގެ ހިތްއެދޭ ދިމާޔަކަށް ނޫނީ ނުބަލާ މީހެކެވެ. ލޯތްބަކީ ކޯޗެއްކަމެއް ފައްޔާޒަކަށް ނޭނގެ އެވެ. މީހަކު ދަހެއްނުކޮށްދެ އެވެ. ރީތި އަންހެން ކުއްޖެއް ފެނިއްޖެއްޔާ، ފައްޔާޒުގެ ލޮލުގައިވާ ދަމާބާރަށް ދަމައިގަނެއެވެ. ނުދާން ހުއްޓަސް، ދަމާފައި ވެސް ގެނެއެވެ. އަންހެންކުދިންގެ ހިތާ ސަމާސަކުރުމަކީ، އެންމެ ރަނގަޅަށް ފައްޔާޒު ދަންނަ ކުޅިވަރެވެ. ދުވަހަކު ވެސް ފޫހިނުވާ، ހުއްޓާނުލެވުނު އާދަ އެވެ. ކުލަ އަށް ބަލާ ނަމަ، ފައްޔާޒަކީ ކަޅު މީހެކެވެ. އަޑު ބަރެވެ. އިސްކޮޅު މެދުމިނެވެ. ވާހަކަދައްކަން ކުޅަދާނަ އެވެ. ކަނޑުވިޔަސް، ރިޔަލުގެ ދަށުނުވެ ފަތަން އޭނަ އަށް އެނގެ އެވެ. ފުއްޓަތްކެއް ޖަހާލުމުން، ނޫނެކޭ ބުނަންކުރޭ އަންހެންކުއްޖަކު ފައްޔާޒަކަށް ދިމަލެއްނުވެ އެވެ. ކޮންމެ ތަނެއްގައި ހުއްޓަސް، ކިތަންމެ ކުޑަ ދަނޑިވަޅެއް ލިބުނަސް، ސާބިތުކަމާ އެކުގައި އަމާޒަށް ހަމަލާދިނުމަކީ ފައްޔާޒުގެ ހުނަރެކެވެ. މީހުންބުނެ އުޅެއެވެ. ލަނޑަޔާ ވާނީ ލަނޑައެވެ. ފައްޔާޒަށް އެކަން ތަޖުރިބާ ކުރެވުނެވެ.

އަމާނަތާއި ފައްޔާޒު ދިމާވީ، މެލޭޝިޔާގެ މަގެއްމަތިންނެވެ. އެކަކަށް އަނެކަކު ފެނުމާއެކު، ކޮންމެވެސް ގުޅުމެއް ވާކަން، ދެ މީހުންނަށް ވެސް އިހުސާސް ކުރެވުނެވެ. ޒަމާނުއްސުރެ، އެކަކަށް އަނެކަކު އިންތިޒާރުކުރި ކަހަލަ އެވެ. އަމާނަތު ފެނުނީއްސުރެ ފައްޔާޒަށް ބެލުނީ އެވެ. ހައިރާންވެ އަންތަރީސްވެ ހުރެގެންނެވެ. ހިތުގައި ސުވާލުތައް އުތުރިއަރަންފެށި އެވެ. އެއީ ކާކު ހެއްޔެވެ؟ ރާއްޖޭގެ ކުއްޖެއްކަން ފައްޔާޒަށް އެނގެ އެވެ. ސުވާލަކީ، ކުރިން ނުފެނުނީ ކީއްވެގެންބާ އެވެ؟ ކުރިން އުޅުނީ ކޮންތާކު ހެއްޔެވެ؟

"ހިއެއްނުވޭތަ ކުރިން އަހަރުމެން ދިމާވިހެނެއް؟" ޖެހިލުންކުޑަކަމާ އެކުގައި ފައްޔާޒު އެހި އެވެ. "އަހަންނަށް ހީވަނީ ވަރަށް ދެކޭ ކުއްޖެއްހެން.. ކޮންމެވެސް ގާތްކަމެއް އެބަހުރި!"

"އަހަންނަށް ވެސް ތިހެން ހީވެފަ މި ހުންނަނީ.." އަމާނަތު ހިނިތުންވެލާފައި ބުންޏެވެ. "ގޮވާލަން ހިތަށްއަރާފަ ވިސްނާލިއިރު، އަހަންނަކަށް ނޭނގެ ނަމެއް ވެސް.. އެކަމަކު އަހަރެން ދަންނަން ކަންނޭނގެ.."

ކުރިން އަމާނަތާ މުޅިން ވެސް ދިމާވަނީ ނިކަމެތި ޝިކާރައަކާ އެވެ. އެ ދުވަހަކީ، ޝިކާރަވެރިއަކާއި ޝިކާރަވެރިއެއް ދިމާވި ފަހަރެވެ. އެއްވަރުގެ ކުޅަދާނަ ދެ މީހުންނެވެ. ދެ ތަޖުރިބާކާރުންނެވެ. ފުރަތަމަ ފަހަރަށް ފައްޔާޒުގެ ހިތް ދޫވެގެން ދިޔައިރު، އަމާނަތަށް ނުވެސް އެނގި އަމާނަތުގެ ހިތް ވެސް ޝިކާރައަކަށް ވެގެން ހިނގައްޖެ އެވެ. އަމާނަތު މެލޭޝިޔާ އަށް އައީ، މަންމަ ޑޮކްޓަރަށް ދައްކަންވެގެންނެވެ. އެ ދުވަހަކީ، ވިއްސާރަ ދުވަހެކެވެ. ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، މީހަކަށް ހިތްދިނުމެއް ނުވަތަ ލޯބިވުމެއް ނެތެވެ. އެއީ އިއްތިފާގެކެވެ. އަމާނަތު ދެކޭގޮތުގައި، ލޯތްބަކީ އޮންނަ އެއްޗެއް ނޫނެވެ. އޮންނަ ނަމަ، ކޮންމެވެސް ތަނަކުން އަމާނަތަށް ދިމާނުވީ ކީއްވެގެން ހެއްޔެވެ؟ އެހެންނަމަވެސް، ފައްޔާޒު ފެނުމާއެކު، ކުރިން ނުވާ ގޮތެއް ވެއްޖެކަން އަމާނަތަށް އެނގުނެވެ. ލޯތްބަކީ އެއީކަމެއް، އޭރު އަމާނަތަކަށް ނޭނގެ އެވެ.

ފޯނު ނަންބަރު ދިނުމަށްފަހު، ފަހުން ދެ މީހުން އަލުން ބައްދަލުކުރި އެވެ. ކީއްކުރަން ހެއްޔެވެ؟ ލޯބީގެ ވާހަކަ ދައްކާކަށް ނޫނެވެ. ލޯބި ހުށައަޅާކަށް ވެސް ނޫނެވެ. އެ ބައްދަލުވުމަކީ، އަމާނަތު ހުންނަ ހޮޓަލުގައި ހުރި ރެސްޓޯރަންޓަކުން، އެކުގައި ކޮފީއެއް ބޯލުމަށްޓަކައި ފައްޔާޒު ދިން ދަޢުވަތެކެވެ. ކޮފީ މޭޒު ކައިރިން ދެ މީހުން އަލުން ބައްދަލުވި އެވެ. އެހެން އަންހެންކުދިންގެ މޫނުން ނުފެންނަ ކަހަލަ ތަފާތެއް، އަމާނަތުގެ މޫނުން ފައްޔާޒަށް ފެނުނެވެ. އެއީ ފުރުތަމަ ނަޒަރުން ލޯބި ކަމަކަށް ފައްޔާޒު ނުދެކެއެވެ. އެ ދެ މީހުން، ރާއްޖެއިން ބޭރުން ބައްދަލުވީ، ވަކި މަގުސަދަކަށްޓަކައި ކަމެއް ވެސް ފައްޔާޒަކަށް ނޭނގެ އެވެ.
"ކީއްކުރަން މި ތަނަށް އައިސްގެން ތި އުޅެނީ؟" ފައްޔާޒު އެހި އެވެ.

"މަންމަ ޑޮކްޓަރަށް ދައްކަންވެގެން.." ރަކި ގޮތަކަށް ހިނިތުންވެލާފައި އަމާނަތު ބުންޏެވެ.

"ކޮން ނަމެއްތަ ކިޔަނީ؟ މަށަށް ކިޔަނީ ފައްޔާޒު!" ފައްޔާޒު ބުންޏެވެ.

"އަމާނަތު! ބައެއް މީހުން ކިޔާ އަމާނާ ވެސް.." އަމާނަތު ބުންޏެވެ.

އެ ދެ މީހުން ވެސް ދެއްކީ އާދައިގެ ވާހަކަ އެވެ. ލޯބީގެ އެންމެ ޖުމުލައެއް ވެސް ނުބުނެ އެވެ. ކުރި ހުރިހާ ކަމެއް ކުރީ ދެ ހިތެވެ. ލޯބީގެ
ގޮށް ޖެހި ބާރުވީ، ނުވެސް އެނގިތިއްބަ އެވެ. އަހަރުމެންނަކީ ދެ އެކުވެރިންބާއޭ އެ މީހުން ހިތަށްއެރި އެވެ.


އެހެން ފިރިހެނުން ދިމާވުމުން ދަތުރު ފަށާ މިސްރާބަށް ފައްޔާޒު ގޮވައިގެން ދާކަށް އަމާނަތު ބޭނުމެއްނުވި އެވެ. ތަފާތަކީ އެއީ އެވެ. މާލެ އައިސް، އެތައް ފަހަރެއްގެމަތިން އެ މީހުން ބައްދަލުކުރި އެވެ. ކޮންމެ ބައްދަލުވުމެއް ވެސް، އެހެން ފަހަރުތަކާ ތަފާތުކަން ދެ މީހުންނަށް ވެސް އިހުސާސް ކުރެވުނެވެ. އަމާނަތުގެ ލޮލުގައިވާ ވިދުވަރު އެކަނި ފެނިފައި ވެސް، ފައްޔާޒުގެ ދެފައިން ބާރުދޫވި އެވެ. ފައްޔާޒުގެ ބަރު އަޑު ކަންފަތުގައި ޖެހުމުން، އަމާނަތުގެ ސިކުނޑީގެ ނާރުތަކަށް ދިރުން ގެނެސްދިނެވެ. އެހެންކަމާ އެކުގައި ވެސް، ލާނެތް ގޮތަކަށް ފައްޔާޒު ހިނިތުންވެލާކަން އަމާނަތަށް ފާހަގަކުރެވުނެވެ. ފައްޔާޒުގެ ކުރިމަތީގައި އިނީ، ފައްޔާޒުގެ ލޯބިވެރިޔާ އެވެ. އެކުގައި އުމުރު ހޭދަކުރުމަށް ހަމަޖެހިފައިވާ ބައިވެރިޔާ އެވެ. އެކަން ފައްޔާޒަކަށް ނޭނގުނެވެ. ބައެއްފަހަރު އެހެން ވެސް ވެއެވެ.

އެ ލޯތްބަކީ، ފޯދުމަށް ފެޅި ކުރިއެއް ނޫނެވެ. ކިތައްފަހަރު އެހެންދިމާވޭ ހެއްޔެވެ؟ ހަޔާތަކީ ދަތުރެކެވެ. ބައެއް ދަތުރުވެރިން، ބައްދަލުވިޔަސް ޖެހޭނީ ވަކިވާށެވެ. އެއީ ހަމަޖެހިފައިވާ ގޮތެވެ. އަލުން އެ މީހުން ބައްދަލުވެދާނެ އެވެ. ކުރިން ނުދެއްކުނު ވާހަކަދައްކަން ފުރުޞަތު ވެސް ލިބިދާނެ އެވެ. ވެވުނީ ޙަޤީޤީ ލޯބިކަން އަމާނަތަށް އެނގުނުއިރު، ފައްޔާޒު ގެއްލިއްޖެ އެވެ. ދިރިއުޅުން ފުރިހަމަ ވާނީ ލޯބި ލިބިގެން ކަމުގައި ހީކުރިޔަސް، ދެން ކުރަންޖެހުނު ހިތާމަ އަމާނަތަށް މާ ބޮޑުވި އެވެ. ލިބުނީމަ ހިތްހަމަޖެހޭނެ ކަމުގައި ހީކުރާ ބައެއް އުފަލަކީ ހިތްހަމަޖެހުމެއް ނޫނެވެ. އެއީ ހިތުގައިޖެހުމެކެވެ.

އަލުން ބައްދަލުވާނެ ދުވަހަކަށް އަމާނަތު އިންތިޒާރު ކުރަމުންދިޔައިރު، ވަގުތު އޮޔާދެމެމުން ދިޔައެވެ. ބައެއް ހުވަފެނަކީ ހުވަފެނެކެވެ. ދެ ހުވަފެން އެކުގައި ޙަޤީޤަތަކަށްވޭ ހެއްޔެވެ؟ އެ އުފާ ލިބޭނީ އެކަކަށެވެ. އަނެކަކު ވާންޖެހޭނީ ޤުރުބާނީއެކެވެ. ކޮންމެ މީހަކު ވެސް ދެކެން ބޭނުންވަނީ މާ ފޮޅޭތަނެވެ. ފޮޅޭ ކޮންމެ މަލަކަށް ޖެހޭނީ މޯޅިވާށެވެ. އެކަން ވިސްނެނީ މަދު މީހަކަށެވެ.

No comments:

Post a Comment