ނޭނގުމަށްވުރެ ވަކީން ދެރަކަމެއް ހަމަނެތޭ
އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއްނެތޭ

Monday, May 3, 2010

ކިޔާލަމާ ހިނގާ

މަދިރި ޕާޓީ....
އާދަކާދައިގެ މަތިން މިރޭވެސް އަހަރެންނަށް ފުންމައިގެން ތެދުވެވުނީ ބަންގީގެ މޫރިތި އަޑުން މުޅި ރަށް ގުގުމަނިކޮށެވެ. ވަރަށް އަވަހަށް ތައްޔާރުވެލައިގެން، ނުކުތްއިރު ކަމަކުދާކަށް ނެތެވެ. ''ޢަބުދުﷲ ޞާދިގުގެ އަލިން'' ނޫން ފަޖުރުއްޞާދިޤުގެ އަލިން މުޅި ކާއިނާތު ވަނީ އަލިވެ އުޖާލާވެފައެވެ. ފަރިވެފޮޅިފައެވެ. ރަށުތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. ގަސްތަކުގެ ފަތްތަކާއި ގެތަކުގެ ފާރުތައް ހަނދުވަރުގެ ރިހި އަލިން ވިދާބަބުޅައެވެ. ހީވަނީ ރަށުތެރެއަށް ދެ ޢީދު އެއްފަހަރާ އައިސްގެން އުޅޭހެނެވެ. އަހަރެންގެ ހިތަށާއި ރޫޙަށް، އަދި ކިއެއްތަ! ހަށިގަނޑުގެ އެންމެ އަޑީގައިވާ ބިންގަރާހުގައި ތާއަބަދަށް ފިލައި ތިބި، ހިތަށާއި ފިތަށް ވެސް ލިބުނީ ލައްޒަތާއި އަރާމެވެ. މަރިޔާދުކަމެވެ.
އިސާހިތަކު އަހަރެންގެ ބާރަށް ދުވާ ''އަހަށް'' ސަވާރުވެ، އަސް ދުއްވާލައިފީމެވެ. ކަޑަބޮއްޖަހާފައި އަސް ދުވާއިރު، ކުރިމަތިން ވޫސް ލާފައި އަންނަ މަގުތަކާއި ގޯޅިތައް ބުރިބުރިކުރަމުން، އަހަރެންގެ ހިތުގެ ''ޖީ.ޕީ.އެސް'' ދައްކާ މަގުވަރުން އުޑުގައި ނުޖެހި، ބިމުގައި ނުޖެހި ދުވެފައި ދިޔައީ މިސްކިތާ ދިމާއަށެވެ. މި ބަރަކާތްތެރި ދަތުރުގައި ވަރަށް ކުޑަކުޑަ ޟަޢީފު މަޚްލޫޤުންތަކެއް ހިމެނޭ ''އައިނެއް'' ހަފަރާތުން އައިސް އަހަރެން ވަށައިލި އެވެ. އަދި، ހަނގުރާމަ ފެށިއެވެ. އެސޮރުމެންގެ ކުޑަކަމާއި ނިކަމެތިކަން ހަނދާން ނައްތާލައިފައެވެ. އަހަރެންގެ ގައިގެ އެތަންމިތަނަށް އެސޮރުމެންނަށް ޤުދުރަތުން ދެއްވާފައިވާ ''ޓޮރުޕިޓޯ'' އިން ހަމަލާ ދެމުން ގެންދެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެންގެ ހަށިގަނޑުން އެތައް ލިޓަރެއްގެ އޯ ނެގެޓިވް ލޭ ބޮއި، އަހަރެންގެ ހަށިގަނޑުގެ ތެރެއަށް ވޭނީ ހަލަބޮލި ކަމެއް ގެނެސްފި އެވެ. އެކަމުގެ ސަބަބުން އަހަރެންނަށް އެތައް ވޭނަކާއި ތުރާލެއް ފުލުފުލުން ލިބެމުން ދެއެވެ. ކޮންފަދަ ބޮޑު މުޞީބާތެއްތޯ އެވެ. ކޮންފަދަ ބޮޑު ބަލާވެރިކަމެއްތޯ އެވެ.
މި ވޭނާއި ގިލަންވެރިކަމުގެ ތެރޭގައި ދަތުރުކުރަމުން އައިސް، މިހާރު ރަށުގެ އުތުރުފަރާތުގައިވާ ބިޔަ ޖަންގަލި ކައިރީގައި އާރާސްތުކޮށްފައިވާ މަސްޖިދުލް ބަރަކާތާ އަރާ ހަމަވެއްޖެ އެވެ. އަހަރެން ސަވާރީން ފައިބައިގެން ވުޟޫކުރާ ބަޔަށް މިޞްރާބު ޖަހައިފީމެވެ. ކަމަކުދާކަށް ނެތެވެ. އެއްކަލަ ''މަދިރިޓީމު'' ވޯމްއަޕް ކުރަން ފަށައިފި އެވެ. އަހަރެންގެ ގައިގައި އެ ''އިބިލީސްތައް'' ހަފަން ފަށައިފި އެވެ. އެވަގުތުވެސް ހިތަށް އެރިއެވެ. ހަމަ އެންމެ ޝޮޓަކުން އެސޮރުމެންގެ ޒިންދަގީ ދުއްވާލަންވީ އެވެ. އަހަރެން ވުޟޫކުރަމުން ދިޔައިރު، އެސޮރުމެން އަހަރެންގެ ގައިގައި ވިކާ، ގޯނާކުރަމުން ގެންދެއެވެ. އަހަރެންގެ ނޭފަތުގައިވާ ''ދެ ހޮހަޅަ'' ތެރެއަށް ވަދެ، އަނިޔާކުރަމުން ގެންދެއެވެ. އެންމެ ފަހުން އަހަރެން މިސްކިތަށް އަރާ، ނަމާދުކުރަން ފަށައިގެންފީމެވެ. މި ޚުޠޫރަތްތެރި ވަގުތުގައި ވެސް އެސޮރުމެންގެ ހިތަށް ކުޑަނަމަވެސް ބިރުވެރިކަމެއް ވަތްނަމަ، ޔަޤީނުންވެސް މަށަށް ޖެއްސުމެއް ނުކުރާނެ އެވެ. ނަމަވެސް އަހަރެން ކުރަމުން އައި ނަމާދަށް ހުރަސް އެޅުމުގެ ގޮތުން އަހަރެންނާ އުނދަގޫކުރަން ފަށައިގެންފި އެވެ. އެސޮރުމެންގެ އެ ބޮޑު ވިޔާނުދައި ޕާޓީން އަހަރެންގެ ނަމާދު ޚަރާބުކޮށްލައިފި އެވެ. އެ ޕާޓީގެ ކުދިބޮޑު އެންމެން، އަހަރެންގެ ކަންފަތްދޮށުގައި ''މިއުޒިކު ކުޅެ، ލަވަކިޔަން'' ފަށައިފި އެވެ. ބައެއް މެންބަރުން އަހަރެން ރުކޫޢުގައި އޮންނައިރު، ދެކަންފަތުގެ ހިނދުރި ތެރެއަށާ، ނޭފަތުގެ ނޯށު ތެރެއަށް ވަދެ، މުޒާހަރާ ކުރަން ފަށައިފި އެވެ. އަހަރެން ސަޖިދައިގައި އޮންނައިރު، ބަނޑާއި ބުރަކައްޓާއި އަދި ދެކިހިލިފަތުގައި ހަފާ ކަމުން ގެންދެއެވެ. އެއްގޮތަކަށް ވެސް އަހަރެންނަށް ހަމަޖެހިލައިގެން ނަމާދުކުރެވޭނެ ތަންވަޅެއް ނުލިބުނެވެ. އެންމެފަހުން އުޅެއުޅެ ބަލިވެގެން ނަމާދުކޮށް ނިމިއްޖެ އެވެ. އަޅުތަކުންނަށް ރިޒުޤު ދެއްވާ، މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމުގެ ހިތްހަމަޖެހުން ލިބިގަތުމަށްފަހު، މިސްކިތުން ފައިބައިގެން، ސަލާމަތުން ގެއަށް ދެވޭތޯ ''ދަގަނޑު ސަވާރީ'' އަށް އަރަން ހިނގައިގަތް ތަނާ، ރަށު އެންމެންގެ ތައްޚާނުބެ ވަރަށް ހިތްހަމަނުޖެހި ހުރެ، އަމުނާލީ މަސްފައްޗެއް ނޫނެވެ. ސުއާލު ފައްޗެކެވެ. ތައްޚާނުބެ ބުންޏެވެ. '' ކަލޭ މިސްކިތަށް އަރާ ތިޔަކުރީ މުޅިން އާ ބާވަތެއްގެ ޑާންސެއްތަ؟ ނޫނީ ތިޔަހުރީ ހަމަހޭގައިތަ؟ އަޅެ ތިޔަހުރީ ފާޑެއްގެ ''މަސްތުވަރެއް'' ބޮއިގަންތަ؟ އެހެންޏާފަހެ، އަހަރެމެން މި ގަޑީގައި މިސްކިތަށް އަރާ ކުރަނީ އެންމެ ދެ ރަކުޢަތް! އެކަމަކު ކަލޭ ތިޔަކުރީ ތިން ރަކުޢަތް. އަހަރެމެން ޤުނޫތު ކިޔަނީ އެއް ފަހަރު. ނަމަވެސް ކަލޭ ދެފަހަރަށް ޤުނޫތު ކިޔައިފީމު. '' އެވަގުތު އަހަރެންގެ ހިތަށް އަރާފައިބަމުން ދިޔައީ، އެއްކަލަ ނުބައި މަދިރި އައިން އަހަރެންނަށް ކުރި ޖެއްސުމާ، ގޯނާ. އެންމެ ފަހުން އަހަރެންނަށް ލަދުން އިސްޖަހައިލެވުނު. އަދި ހިތަށް އެރިއެވެ. '' މި މަދިރިތަކުގެ އުނދަގޫ ތައްޚާނުބެއަށް ހަމަ ނުވަނީތާއޭ. އެހެންނޫންނަމަ، ތައްޚާނުބެ އަހަރެން ދެކެ ރުޅި އައުމުގެ ބަދަލުގައި އަހަރެންނާމެދު އުފެދޭނީ ހަމްދަރުދީއާ އޯގާތެރިކަމެވެ. ކުރާނެކަމެއް ނެތެވެ. އަވަހަށް މިސްކިތަށް އަރާ ނަމާދުކޮށްލަންވީއެވެ.''
އެކަމަކު މިހާރު އިރުއަރާ އަލިވެއްޖެ އެވެ. އިރުގެ އަލިކަން ދުނިޔެ މައްޗަށް ފޯރުމުން މަދިރީގެ ލަޝްކަރު ދުވެފިލައި ރައްކައުވެއްޖެ އެވެ. އަހަރެން ވެސް ހުރި ފިޔަވަޅުމަތިން ފައި ދޫކޮށްލީ މަދިރިޕާޓީގެ ޒިންދަގީ ދުއްވާލަން ޕާޓޭންނާ ރަސްމީކޮށް އެކަން ޙަވާލުކުރަން ހިތުނިޔަތް ގަންނަމުންނެވެ.

No comments:

Post a Comment